ދައުލަތުން ދަޢުވާކުރާ ޖިނާއީ މައްސަލަތައް ކޯޓުތަކުގައި އަލުން ހިންގުމަށް ޕީޖީ އެދިވަޑައިގެންފި

l 2180917

ދައުލަތުން ދަޢުވާކުރާ ޖިނާއީ މައްސަލަތައް މަޑުޖައްސާލާފައި އޮތްއޮތުން ނިމުމަކަށް ގެނެސް، މައްސަލަތައް އަލުން ތާވަލުކޮށްދެއްވުމަށް އަލަށް ޢައްޔަންކުރެވުނު ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިސާމް އެދިވަޑައިގެންފިއެވެ.

ދައުލަތުން ދަޢުވާކުރާ ޖިނާއީ މައްސަލަތައް ކޯޓުތަކުގައި ހިންގުމަށް ބޭނުންވާ ބަޖެޓް ނެތުމާގުޅިގެން އެ މައްސަލަތައް ކުރިއަށް ނުގެންދެވުމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މުހުތާޒް މުޙުސިން އެދިވަޑައިގެންނެވުމާގުޅިގެން ކޯޓުތަކުގައި ހުރި ދައުލަތުން ދަޢުވާކުރާ ޖިނާއީ މައްސަލަތައް ކުރިއަށް ގެންދިއުން އޮތީ މެދުކަނޑާލެވިފައެވެ. މައްސަލަތައް ތާވަލުކުރުން މެދުކަނޑާލެވިފައި އޮތީ ކަނޑުމަގުންނާއި ވައިގެމަގުން ދަތުރުކުރުމުގެ ޚަރަދުގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 2015 ވަނަ އަހަރުގެ ބަޖެޓަށް ލިބުނު ފައިސާ ހުސްވެފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައްސަލަތަކުގައި ކޯޓުތަކަށް ދަތުރުކުރެއްވެން ނެއްތަކަމަށް އޭރުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވުމާ ގުޅިގެންނެވެ.

 ކޯޓުތަކުގައި ނުނިމިހުރި ޖިނާއީ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެއްވެސް ހުރަހެއް ނެތްކަމަށާއި، ދައުލަތުން ދަޢުވާކުރާ ޖިނާއީ މައްސަލަތައް ކޯޓުތަކުން ތާވަލުކުރުމުން، ޕްރޮސިކިއުޓަރުން އެ މައްސަލަތަކުގައި ކޯޓުތަކަށް ޙާޟިރުވަމުން ގެންދަވާނެކަމަށް މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިސާމް ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ކޯޓުތަކުގައި ނުނިމިހުރި ދައުލަތުން ދަޢުވާކުރާ ޖިނާއީ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ކުރިމަތިވެފައިވާ ދަތިކަން ޙައްލުވެ، މައްސަލަތައް ކުރިއަށް ގެންދިއުމަށް ފަހިވެފައިވާތީ، އެ މައްސަލަތައް ތާވަލުކޮށް ކޯޓުތަކުގައި ކުރިއަށް ގެންދެވުމަށް ޑިޕާޓްމަންޓުން މިހާރު ވާނީ ކޯޓުތަކަށް އެންގިފައެވެ.

ޝަރުޢީ ކޯޓުތަކުގައި އެކަށީގެންވާ ވަރަށްވުރެ މާދިގު މުއްދަތަކަށް ނުނިމި ލަސްވެފައިވާ މައްސަލަތައް ހުރިކަން ފާހަގަކުރެވުމާގުޅިގެން، ކޯޓުތަކުގައި ހުރި މިފަދަ މައްސަލަތައް ނިންމޭނެ ގޮތަކަށް މައްސަލަތައް މެނޭޖްކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ވަނީ އަންގަވާފައެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމުމަށްޓަކައި ކުރެވުނު މަސައްކަތުން މިހާތަނަށް ކުރިއެރުންތަކެއް ޙާޞިލު ކުރެވިފައި ވެއެވެ.
މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ނުނިމި ހުރި މައްސަލަތައް އެންމެ ގިނަކަމަށް ފާހަގަކުރެވިފައިވާ 12 މެޖިސްޓްރޭޓް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމަށްޓަކައި، އެކި ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުންނާއި އެ ކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ތިއްބެވި މެޖިސްޓްރޭޓުން އެ ޖުޑީޝަލް ދާއިރާގެ އެހެން ކޯޓުތަކަށް ފޮނުވައިގެން މައްސަލަތައް ނިންމަވާ ގޮތަށް ޝަރުޢީ ވަފުދުތައް އެކުލަވައިލުމަށްފަހު އެ ވަފުދުތަކުން މިހާރުވެސް ގެންދަވަނީ ކޯޓުތަކުގައި މަސައްކަތް ކުރައްވަމުންނެވެ. ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ކުޑައަޑިވަންދެން ޝަރުޢީ ވަފުދުތަކުން އަތޮޅު ތެރޭގައި މަސައްކަތްކުރައްވަމުން ގެންދަވާނެއެވެ.

ޤާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑު

އެއްވެސް ވަކީލަކު އޭނާގެ މުވައްކިލުގެ ފަރާތުން މައްސަލައަކާގުޅޭ ގޮތުން އެއްވެސް ބާވަތެއްގެ ނުފޫޒެއް، މައްސަލަބަލާ ފަނޑިޔާރަށް ފޯރުވިޔަދީގެން ނުވާނެއެވެ. އަދި އަނެއްފަރާތެއްގެ ވަކީލާ ވާހަކަދައްކައި މައްސަލައަށް ނުފޫޒް ފޯރުވުމަށްޓަކައި އެއްވެސް ކަމެއްކޮށްގެން ނުވާނެއެވެ.

lrdb