ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ 134 ފަރާތަކަށް ދެއްވައިފި

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03ރޫލިންގ) ގެ 4 ވަނަ މާއްދާ އާއި 5 ވަނަ މާއްދާ އާ އެއްގޮތްވާ ގޮތުގެމަތީން 134 ފަރާތަކުން މިރޭ ޤާނޫނީ ވަކީލުކަމުގެ ހުވާކުރައްވައިފިއެވެ. ޤާނޫނީ ވަކީލުކަމުގެ ހުވާކުރުން އޮތީ އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވުނު ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބޭއްވި ފުރަތަމަ ރަސްމިއްޔާތެވެ.

މިރޭގެ ރަސްމިއްޔާތުގެ ބައިވެރިންނަށް ޤާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފްއެވެ. މި ރަސްމިއްޔާތުގައި ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި ބޭފުޅުންނަށް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ޙަވާލުކޮށްދެއްވީ ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛު މުޙައްމަދު އަނިލްއެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އާއި ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް ޤާނޫނީ ވަކީލުކަމުގެ ހުވާކުރެއްވި ވަކީލުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދެއްކެވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އާއި ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް ގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި، ދައުލަތުގެ ބަންޑާރަނައިބު އޮފީހުގެ ޤާނޫނީ ވަކީލުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވައި، ލީގަލް ފްރެޓަރނިޓީ އާ މިރޭ ގުޅިވަޑައިގެންނެވި 134 ޤާނޫނީ ވަކީލުންގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އާއި، ވިލާ ކޮލެޖާއި، ބޭރުގެ އެކިއެކި ޔުނިވަރސިޓީ އަދި ކޮލެޖްތަކުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޭ ކޮމިޓީން ޤަބޫލުކުރައްވާފައިވާ އެލް.އެލް.ބީ ޑިގްރީ ނުވަތަ ބެޗްލަރޒް އޮފް ޝަރީޢާ ޑިގްރީ ނުވަތަ ކޮމްބައިންޑް ބެޗްލަރޒް ޑިގްރީ ޙާޞިލުކުރައްވާފައިވާ ބޭފުޅުންނެވެ.

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު ގެ 4 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން މިރޭ ހުވާކުރެއްވި ވަކީލުން ތިއްބަވާނީ ޓްރޭނީ ވަކީލުންގެ ގޮތުގައެވެ. ޤާނޫނީ ވަކީލެއްގެ ގައިސިއްޔަތުން އެބޭފުޅުންނަށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ފުރުޞަތު ފަހިވެގެންދާނީ އެކަމަށްޓަކައި ޤަވާޢިދުގައި ކަނޑައަޅާފައިވާ އިޖުރާއާތުތައް ފުރިހަމަކުރެއްވުމެވެ. ޓްރޭނީ ވަކީލުންނަކީ ޤާނޫނީ ވަކީލެއްގެ ގޮތުގައި އޮފީހުގައި ނުވަތަ ފާމެއްގައި ނުވަތަ ދައުލަތުގެ އިދާރާއެއްގެ ޤާނޫނީ ޑިވިޜަންގައި ނުވަތަ ސެކްޝަންގައި ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރުގެ އިދާރާއެއްގެ ޤާނޫނީ ޑިވިޜަން ނުވަތަ ސެކްޝަންގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި ޤާނޫނީ މަސައްކަތުގައި 1 އަހަރު ވާންދެން ހޭދަކޮށްފައިނުވާ، އަދި ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމަށް އަހުލުވެރި ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަރާތުން ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރައްވާފައި ނުވާ ވަކީލުންނެވެ.