ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ރަސްމިއްޔާތުގައި ދިވެހިރައްޖޭގެ އުއްތަމަފަނޑިޔާރު ދެއްކެވި ވާހަކަފުޅު

Legal-Practitioners2016-MJA

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03ރޫލިންގ) ގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި 2016 އޮކްޓޫބަރު 17 ވަނަ ދުވަހު ބޭއްވި ފުރަތަމަ ރަސްމިއްޔާތުގައި، ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވައި ލީގަލް ފްރެޓަރނިޓީއާ ގުޅިވަޑައިގެންނެވި ޤާނޫނީ ވަކީލުންނާ މުޚާތަބުކުރައްވައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި ޤާނޫނީ ވަކީލުންނަށް،ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ހެޔޮ އެދުންތަކާއި ތަހުނިޔާ ރައްދު ކުރެއްވުމަށް ފަހު ފާހަގަ ކުރެއްވި ނުކުތާތައް ތިރީގައިއެވަނީއެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ، ޤާނޫނީ އަދި ދުސްތޫރީ ޙަޔާތުގައި ޤާނޫނީ ވަކީލުން ކޮށްފައި ވާ ޚިދުމަތްތައް

ދިވެހިރާއްޖޭގެ ސިޔާދަތާއި، ސަރަޙައްދީ އެއްބައިވަންތަކަމާއި، މިނިވަންކަމާއި، އިސްތިޤްލާލާއި، އިސްލާމީ ޝަރީޢަތުގެ މަތިވެރި އުޞޫލުތަކާއި، ޤާނޫނުގެ ޙުކުމް ނެގެހެއްޓުމުގައި، އަދި ދުސްތޫރިއްޔަތާއި ޝަރުޢިއްޔަތުގެ މަބްދައު ކަށަވަރު ކުރުމުގައި ޤާނޫނީ ވަކީލުން އަދާ ކޮށްފައި ވަނީ ވަރަށް މުހިއްމު ދައުރެއް ކަން ފާހަގަކުރައްވައި، ރައްޔިތުންގެ އަސާސީ އަދި މަދަނީ ޙައްޤުތައް ކަށަވަރު ކޮށްދިނުމާ ގުޅޭ މުހިއްމު ޤަޟިއްޔާތަކެއްގައި ތާރީޚީ އަދި ލޭންޑްމާރކް ނިންމުންތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވައިފައި ވާ އިރު އެ ޤަޟިއްޔާތަކުގައި ޤާނޫނީ ވަކީލުންގެ މުހިއްމު ވަކާލާތްތަކެއް ހިމެނިފައި ވާ ކަމީ މި ޙަޤީޤަތް ދައްކުވައިދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމު ކުރުމަށް ޓަކައި ޝަރުޢީ ދާއިރާއިން ކުރާ މަސައްކަތުގައި ޤާނޫނީ ވަކީލުންގެ ޙިއްޞާ ވަރަށް ބޮޑުކަން ފާހަގަކުރެއްވިއެވެ.

ޤާނޫނީ ޕްރޮފެޝަނަކީ ވެސް ޒަމާނަށް އަންނަ ބަދަލުތަކާ އެއްވަރަށް ކުރި އަރުވައި ތަރައްޤީ ކުރާން ޖެހޭ ޕްރޮފެޝަނެއްކަން

އެހެނިހެން ޕްރޮފެޝަންތަކެކޭ އެއްފަދައިން، ޤާނޫނީ ޕްރޮފެޝަނަކީ ވެސް ޒަމާނަށް އަންނަ ބަދަލުތަކާ އެއްވަރަށް ކުރި އަރުވައި ތަރައްޤީ ކުރާން ޖެހޭ ޕްރޮފެޝަނެއްކަން ފާހަގަކުރައްވައި، ދިޤްތިޞާދީ، އިޖުތިމާޢީ، އަދި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާތައް ފަދަ ދާއިރާތަކުގައި މުޖުތަމަޢަށް އަންނަ ކުރިއެރުންތަކާއި ތަރައްޤީއާ އެއް ފެންވަރަކަށް މި ޕްރޮފެޝަން ހަރުދަނާ ވެ، މި ޕްރޮފެޝަނުގެ ޤާބިލިއްޔަތު އިތުރު ވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާގައި ފަސޭހަކަމާއި އަވަސްކަމާ އެކު ޢަދުލުއިންޞާފަށް ވާޞިލު ވުމާއި، މައްސަލަތަކަށް ޢަދުލުވެރިކަމާއެކު އަވަސް ޙައްލުތަކެއް ލިބިދިނުމުގެ މަޤުޞަދުގައި ކުރަމުންދާ މަސައްކަތްތައް

ކޭސް މެނޭޖު ކުރުމާއި ޑިސްޕިޔުޓް ރިޒޮލިޔުޝަނުގެ ނިޒާމަށް މިދިޔަ އަހަރުން ފެށިގެން ތަޢާރަފު ކުރެވިފައި ވާ މުހިއްމު ބަދަލުތަކަށް ބަލާ އިރު، ސިވިލް ކޯޓުގައި ފަސް ޑިވިޜަނެއް ޤާއިމު ކުރެވިފައި ވާ ކަމަށާއި، އޭގެ ތެރޭގައި މުދަލާއި ފައިސާ އާއި ވިޔަފާރި އާ ބެހޭ ކުދި މައްސަލަތައް ބަލާ ޑިވިޜަނަކާއި، ހުށަހެޅޭ މައްސަލަތަކަށް  ޝަރީޢަތް ހިންގުމުގެ ކުރީން ޞުލްޙަވެރި ޙައްލު ހޯދައިދޭ ޑިސްޕިޔުޓް ރިޒޮލިޔުޝަން ޑިވިޜަނެއް ހިމެނޭ ކަން ފާހަގަކުރައްވައި، އަލަށް ޤާއިމު ކުރެވުނު ޑިސްޕިޔުޓް ރިޒޮލިޔުޝަން ޑިވިޜަނުގެ ސަބަބުން ފަސޭހަކަމާއި އަވަސްކަމާ އެކު ޤަޟިއްޔާތައް ޙައްލު ވެގެން ދިޔުމުގެ އިތުރުން، ޚަސްމުންގެ އަތުން ހިނގާ ޚަރަދުތައް ކުޑަ ވުމަށް މަގުފަހި ވެފައިވާކަން ފާހަގަކުރެއްވިއެވެ.

ކޭސް މެނޭޖްމަންޓާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަޝްރޫޢުތަކެއް ފެށިފައިވާ ކަން ފާހަގަކުރައްވައި، އެފަދަ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު އެމަނިކުފާނު ޙިއްޞާކުރެއްވިއެވެ. އޭގެ ތެރޭގައި، ރާއްޖޭގައި ޤާއިމު ކުރެވޭ އެންމެ ފުޅާ ވައިޑް އޭރިއާ ނެޓްވޯރކް، ޝަރުޢީ ދާއިރާގައި ޤާއިމުކޮށް، ދިވެހިރާއްޖޭގެ 100 އަށް ވުރެ ގިނަ މެޖިސްޓްރޭޓް ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިންޓެގްރޭޓެޑް ކޮމިޔުނިކޭޝަން ވިޔުގައަކުން ގުޅައިލުމުގެ މަޝްރޫޢާއި، އިލެކްޓްރޯނިކް ފައިލިންގ ސިސްޓަމް ޤާއިމު ކުރުމުގެ މަޝްރޫޢު ފާހަގަކުރެއްވިއެވެ.

ތަރައްޤީގެ ކޮންމެ ޕްރޮގްރާމަކީ އަދި މަޝްރޫޢަކީ ހަމަހަމަކަމާއެކު ޢަދުލުއިންޞާފު ކަށަވަރު ކޮށްދިނުމާއި، ޤާނޫނުގެ ޙުކުމް ކަށަވަރު ކޮށްދިނުމުގެ މައްޗަށް ބިނާވާ ކަންތައްތައްކަން

މިއިން ކޮންމެ މަޝްރޫޢަކީ އަދި ޕްރޮގްރާމަކީ ރާއްޖެ އިޤްތިޞާދީ، އިޖުތިމާޢީ، އަދި ތަރައްޤީގެ އެހެނިހެން މައިދާންތަކުގައި، ކުރި އަރަމުން އަންނަ އައުމާ ބައްދަލު ވާ ގޮތަށް، ޝަރީޢަތް ކުރުމާއި ޢަދުލުއިންޞާފު ލިބިދިނުމުގެ ދާއިރާ ތަރައްޤީ ކޮށް ހަރުދަނާ ކުރުމަށް ޓަކައި ކުރެވޭ މަސައްކަތްތަކެއް ކަމުގައި ވިދާޅުވެ، ތަރައްޤީގެ ކޮންމެ ޕްރޮގްރާމަކީ އަދި މަޝްރޫޢަކީ ހަމަހަމަކަމާއެކު ޢަދުލުއިންޞާފު ކަށަވަރު ކޮށްދިނުމާއި، ޤާނޫނުގެ ޙުކުމް ކަށަވަރު ކޮށްދިނުމުގެ މައްޗަށް ބިނާވާ ކަންކަން ކަން ފާހަގަކުރެއްވިއެވެ. އެގޮތުން އިންވެސްޓަރުންނަށް އިތުބާރު ހޯދައިދިނުމާއި، ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރި ވާ ދިވެހި ފަރާތްތަކާއި ބޭރުގެ އިންވެސްޓަރުންނަށް ރޫލް އޮފް ލޯވް އާއި ޢަދުލުއިންޞާފުގެ ނިޒާމާއި ޤާނޫނީ ނިޒާމުގެ ޔަޤީންކަން ކަށަވަރު ކޮށްދިނުމަކީ އެންމެ މުހިއްމު އެއް އަސާސް ކަމުގައި ވިދާޅުވިއެވެ.. އެހެންކަމުން، ކޮމާރޝަލް، ބިޒްނަސް، އަދި ފައިނޭންޝަލް ދާއިރާ އަކީ ޤާނޫނީ ގްރެޖުއޭޓުން ސްޕެޝަލައިޒް ވުމުގައި އެންމެ އިސްކަން ދޭން ޖެހޭ އެއް ދާއިރާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤާނޫނީ ވަކީލުންގެ ހުނަރު އިތުރު ކުރުމަށް ރާއްޖޭގެ ޤާނޫނީ އަދި ޝަރުޢީ ދާއިރާއިން ގިނަ ޕްރޮގްރާމްތަކެއް ރޭވި ހިންގާން ހަމަޖެހިފައި ވާ ކަން

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމާ ގުޅިގެން ބައިނަލްއަޤުވާމީ ކޮންސަލްޓަންޓުންގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަރާތުން ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންގެ ތަމްރީނާއި ހުނަރު އިތުރު ކުރުމަށް ކަރިކިޔުލަމެއް އެކުލަވައިލެވި، އެ ޕްރޮގްރާމުތައް ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގުމަށް ކަނޑައެޅިފައި ވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ޤާނޫނީ ވަކީލުކަމުގެ ޕްރޮފެޝަނަކީ މުސްތަޤިއްލުކަމާ އެކު، ހަމައެކަނި ޤާނޫނީ ވަކީލުން އަދާ ކުރާ ޕްރޮފެޝަނެއްކަން

ޢަދުލުއިންޞާފަށް ފަސޭހަކަމާ އެކު ވާޞިލު ވުމުގެ ދާއިރާ ތަރައްޤީ ކޮށް ކުރިއެރުވުމަކީ ޤާނޫނުގެ ޙުކުމް ދެމެހެއްޓުމުގެ މުހިއްމު އެއް އަސާސް ކަމުގައި ޝަރުޢީ ދާއިރާއިން ދެކޭ ކަން ހާމަކުރައްވައި ފާހަގަކުރެއްވި ކަންތައްތަކަކީ:

  1. ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ޕްރޮފެޝަނަކީ ޢަދުލުއިންޞާފު ޤާއިމު ކުރުމުގައްޔާއި، ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި، އަދި އަފްރާދުންގެ ޙައްޤުތަކާއި މިނިވަންކަން ކަށަވަރު ކޮށްދީ، ޙައްޤުތައް ދިފާޢު ކުރުމުގެ ޔަޤީންކަން ދިނުމުގައި ޢަދުލުއިންޞާފުގެ ބާރާ ބައިވެރި ވާ، މިނިވަން އަދި މުސްތަޤިއްލު ޕްރޮފެޝަނެއް ކަމަށް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދުގައި ސާފުކޮށް ބަޔާން ކޮށްފައި ވާކަން.
  2. ޤާނޫނީ ވަކީލުން ވެސް ތަބަޢަ ވާން ޖެހެނީ ޤާނޫނުއަސާސީ އާއި،ދިވެހިރާއްޖޭގެ ޤާނޫނުތަކަށާއި، ޤާނޫނުގައި ވަކި ގޮތަކަށް ކަނޑައެޅިފައި ނުވާ ކަންކަމުގައި އިސްލާމީ ޝަރީޢަތުގައި އެކަންތަކުގައި ކަނޑައެޅިފައި ވާ ގޮތްތަކަށްކަން
  3. ދިވެހިރާއްޖޭގެ ޤާނޫނީ ޕްރޮފެޝަނާއި، ރާއްޖޭގެ ޤާނޫނީ ތަޢުލީމުގެ ނިޒާމު ހަރުދަނާ ތަރަހައެއްގެ މައްޗަށް ޤާއިމުވެ އޮތުމަށް ޓަކައި، ޤާނޫނީ ތަޢުލީމުގެ ޤައުމީ މަންހަޖު ކަނޑައެޅިފައި އޮންނާން ޖެހޭ މިންގަނޑުތައް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދުގައި ކަނޑައެޅި ބަޔާން ވެފައި ވާކަން.
  4. ދިވެހި ދައުލަތް، ސިޔާސީ، އިޖުތިމާޢީ، އަދި އިޤްތިޞާދީ އެ ބިންގާތަކެއްގެ މައްޗަށް ބިނާ ވެފައި ވާ ބިންގާތަކާއި، ޤާނޫނުއަސާސީން ކަނޑައަޅައި ބަޔާން ކޮށްފައި ވާ ދުސްތޫރީ ތަރަހަތަކާއި މަބާދީތަކަށް ފެތޭ ގޮތަށް، އެހެނިހެން ދީމިޤްރާޠީ މުޖުތަމަޢުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި ޤާނޫނީ ތަޢުލީމު އުނގަންނައިދިނުމުގެ ޤައުމީ މުޤައްރަރު ކަނޑައަޅައިފައި ވުމަކީ ޝަރުޢީ ދާއިރާއަށް ބޭނުން ވެފައި ވާ އެންމެ މުހިއްމު އެއް ޟަރޫރަތް ކަން.
  5. އަލަށް ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ގްރެޖުއޭޓް ވެގެން ނުކުންނަ ގްރެޖުއޭޓުން ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމަށާއި ލީގަލް ޕްރޮފެޝަނަށް އަހުލުވެރި ކުރުމުގެ އުޞޫލުތައް ބާރ އިމްތިޙާނުގެ މަފްހޫމާ އެއްގޮތް ވާ ގޮތުގެ މަތީން ވަކީލުންގެ ޤަވާޢިދުގައި ބަޔާން ވެފައި ވާކަން.

މި އަހަރުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އިސް ނެންގެވުމުގެ މަތީން، ލީގަލް އެއިޑްގެ ދާއިރާ ކުރިއެރުވުމުގެ މަސައްކަތް ފެށިފައި ވާކަން ފާހަގަކުރައްވައި، ބަންޑާރަ ނާއިބުގެ އޮފީހުން ދާދި ފަހުން ބޭއްވެވި "ނެޝަނަލް ލީގަލް އެއިޑް ކޮންފަރެންސް" ގައި އެމަނިކުފާނު ވިދާޅުވި ވާހަކަފުޅު ރޭގެ ރަސްމިއްޔާތުގައި އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ. އެގޮތުން، ޤާނޫނީ އެހީތެރިކަން ބޭނުން ވާ، އެކަމަކު އެ އެހީތެރިކަން އަމިއްލަޔަށް ހޯދުމުގެ މާލީ ޤާބިލުކަން ނެތް ފަރާތްތަކަށް ދައުލަތުގެ ފަރާތުން އެ ޚިދުމަތް ފޯރު ކޮށްދިނުމުގެ ނިޒާމެއް ޤާއިމު ކުރުމަކީ ރާއްޖޭގައި ޢަދުލުއިންޞާފަށް ވާޞިލު ވުމުގެ މަގު ރައްޔިތުންނަށް ފަހި ކޮށްދިނުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު ބައެއް ކަން ފާހަގަކުރެއްވިއެވެ. އަދި ފުދުންތެރިކަމާއި ކުޅެދުންތެރިކަން ނުހުންނަ މީހުންނަށް ޤާނޫނީ އަދި ޤަޟާއީ އެހީތެރިކަން ފޯރުކޮށްދިނުން ކަށަވަރު ކުރުމާއި،ޤާނޫނީ ވަކީލުންގެ މަޞްލަޙަތުތަކަށް ޢިނާޔަތްތެރި ވެ މެންބަރުންގެ މެދުގައި އެއްބާރުލުމުގެ ރޫޙު އާލާ ކުރުމާއި، ޤާނޫނީ ބަޙުޘްތަކާއި ޤާނޫނީ ދިރާސާތަކާއި އިސްލާމީ ޝަރީޢަތުގެ ދިރާސާތަކަށް ހިތްވަރު ދިނުން ފަދަ މަޤްޞަދުތައް ޙާޞިލު ކުރެވޭ ގޮތަށް އިންތިޒާމު ކުރެވިފައި ވާ ދާއިރާއަކަށް ޤާނޫނީ ޕްރޮފެޝަނުގެ ދާއިރާ ހެދުމަށް ލީގަލް ފްރެޓަރނިޓީއަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ޤާނޫނީ ވަކީލުކަމުގެ ޕްރޮފެޝަނާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންނަށް ކުރެއްވި އިލްތިމާސް

  1. ޤާނޫނީ ވަކީލުކަމަކީ ހަމައެކަނި މާއްދީ މަންފާތަކަށް ޓަކައި ނުވަތަ އާމްދަނީ އިތުރު ކުރުމަށް ޓަކައި ކުރާ މަސައްކަތެއް ނޫން ކަމާއި، އެއީ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ހުވަޔާއި ވަޢުދާއި ޢަހުދުގެ މަތީން އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކު އަދާ ކުރާން ޖެހޭ ޕްރޮފެޝަނަލް މަސްއޫލިއްޔަތެއްކަން ކޮންމެ ވަކީލަކު ވެސް ހަނދާން ކުރާން ޖެހޭކަން.
  2. ޤާނޫނީ ވަކީލުންގެ ޚިދުމަތް ފޯރު ކޮށްދިނުމުގައި، ޤާނޫނީ ވަކީލާއި މުވައްކިލާ ދެފަރާތުގެ ދެމެދުގައި އޮންނަ ގުޅުން ބިނާވެފައި އޮންނާން ވާނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމުގެ މައްޗަށްކަން.
  3. ސޯޝަލް މީޑިޔާ ޒަމާނީ މުވާޞަލާތީ ފަސޭހަތަކާ އެކު ބައްދަލު ނުވެ ވާހަކަ ދެއްކުމާއި މުވާސަލާތު ކުރުމުގެ މަގުފަހި ވެފައި އޮތަސް، ކޮންމެ ޤާނޫނީ ވަކީލަކު ވެސް ތިމާގެ މުވައްކިލާ އަމިއްލަޔަށް ބައްދަލު ވެ، މަޝްވަރާ ދިނުމަށް ޓަކައި އެކަށީގެންވާ ވަގުތު ދިނުމުގެ މައްޗަށް އިސްކަން ދޭން ޖެހޭކަން
  4. ތިމާގެ މުވައްކިލުގެ ޙައްޤު ދިފާޢު ކުރުމަށް މަސައްކަތް ކުރާ އިރު، އަނެއް ފަރާތާ މެދުގައި ވެސް ނުޙައްޤުން ނުވަތަ ބޭއިންޞާފުން ކަންކަން ނުކުރުމަށް ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭކަން.
  5. ވަކީލުންގެ އުޚުއްވަތުގައި ހިމެނޭ އެއްވެސް ވަކީލަކު އަމިއްލަ ނަމަށާއި ލީގަލް ފްރެޓަރނިޓީގެ ނަމަށް ހުތުރު ވާ ފަދަ، އަދި އިތުބާރަށް ބުރޫ އަރާ ފަދަ ކަމެއް ކޮށްގެން ނުވާނެކަން

  

ޤާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑު

އެއްވެސް ވަކީލަކު، އޭނާވަކާލާތުކުރާ މައްސަލައެއްގައި ފީ އާ ގުޅޭގޮތުން ވަކިގޮތަކަށް އެއްބަސްވުމަށްފަހު، އެމައްސަލަ ހިނގަންފެށުމުން ނުވަތަ މައްސަލަ ނިމުމުން، އޭނާގެ މުވައްކިލުގެ އަތުން އިތުރުފީއެއް ނުވަތަ އެއްބަސްވެފައިވާ ފީގެ އިތުރުން ފައިސާ ހޯދައިގެން ނުވާނެއެވެ.

lrdb