"ލީގަލް އެންޑް ޖަސްޓިސް ސެކްޓަރ ބޭސްލައިން ސްޓަޑީ 2014" ރިޕޯޓާ ގުޅޭގޮތުން ޝަރުޢީ ދާއިރާގެ ފަރާތުން ބޭއްވި ނޫސް ކޮންފަރެންސްގެ ޚުލާޞާ

އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ ގުޅިވަޑައިގެން މަސައްކަތް ކުރައްވައި ނެރުއްވި "ލީގަލް އެންޑް ޖަސްޓިސް ސެކްޓަރ ބޭސްލައިން ސްޓަޑީ 2014" ރިޕޯޓަކީ ޝާމިލު ގޮތެއްގައި، ޖުޑީޝަރީގެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ރައްޔިތުންނަށް ރަނގަޅަށް އަންގައިދެވޭނެ ގޮތަކަށް ތައްޔާރު ކުރެވިފައި އޮތް ރިޕޯޓަކަށް ނުވާތީ، އަދި ރިޕޯޓުގައި ކަންބޮޑު ވާން ޖެހޭ ފަދަ އުނި ކަންތައްތަކެއް ހުރިކަން ފާހަގަ ކޮށް، ޖުޑީޝަރީގެ ކަންބޮޑުވުން ފާޅު ކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 27 އޯގަސްޓް 2015 ގައި ނިއުސް ކޮންފަރެންސްއެއް ބާއްވައިފިއެވެ. މިބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޑެޕިއުޓީ ލީގަލް އޮފިސަރ އަލްއުސްތާޛު އަޙްމަދު މާޖިދުއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޚާލިދު ޤާސިމެވެ. މިބައްދަލުވުމުގައި ޝަރުޢީ ދާއިރާގެ ފަރާތުން ފާހަގަކުރި ކަންތައްތަކުގެ ޚުލާޞާ ތިރީގައި އެވަނީއެވެ..

އިތުރަށް ވިދާޅުވުމަށް...

އެކިއެކި ފަރާތްތަކުށް ޝަރުޢީދާއިރާއާ މުޢާމަލާތުކުރުމާބެހޭ ސަރކިއުލަރއެއް ނެރުއްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި ޢަދުލް އިންސާފް ޤާއިމްކުރުމުގެ ބާރުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓުކަމުގައި ބަޔާންކޮށްފައިވުމާއެކު، ދިވެހރާއްޖޭގެ އަދުލް އިންސާފް ޤާއިމްކުރުމާބެހޭ ޖުޑީޝަލް ޕޮލިސީ ކަނޑައެޅުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއްކަމަށް ވީހިނދު، ޝަރުޢީ ދާރިއާ ގުޅުންހުރި ކަންތައްތަކުގައި ދައުލަތުގެ އެކިއެކި މުއްސަސާތަކާއި އޮފީސްތަކުން ވަކިވަކި ކޯޓުތަކާއި ނުވަތަ ވަކިވަކި ފަނޑިޔާރުންނާއި ނުވަތަ މުވައްޒަފުންނާއި ނުވަތަ ވަކިވަކި ފަރާތްތަކާ މުޢާމަލާތްކުރުމުގެ ބަދަލުގައި މިފަދަ ކަންކަމުގައި މުޢާމަލާތްކުރަންޖެހޭ ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކަމުގައި އަންގާ ސާރކިއުލަރއެއް ނެރުއްވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ޤާނޫނީ ވަކީލެއްގެ ހައިޘިންޔަތުން ވަކާލާތު ކުރުމުގެ ހުއްދަ 17 ފަރާތަކަށް ދެއްވައިފި

ޤާނޫނީ ވަކީލެއްގެ ހައިޘިންޔަތުން ވަކާލާތު ކުރުމުގެ ހުއްދަ 17 ފަރާތަކަށް ދެއްވައިފިއެވެ.
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިޘިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ރަސްމިއްޔާތު އޮތީ މިއަދު 11:00 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އާއި އެޓަރނީ ޖެނެރަލް އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު އަނިލްގެ ކުރިފުޅުމަތީގައި މި ފަރާތްތަކަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ އަރީފް އެވެ. އަދި މި ރަސްމިއްޔާތުގައި ހުވާކުރެއްވި ވަކީލުން، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިޘިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ އުޞޫލުގެ ޖަދުވަލު 1 ގައިވާ އިޤުރާރުގައި ސޮއިކުރެއްވިއެވެ.
އޭގެ ފަހުގައި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިޘިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އާއި އެޓަރނީ ޖެނެރަލް އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު އަނިލް އެ ފަރާތްތަކާ ޙަވާލުކުރެއްވެވި އެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އިސްވެރިން އަދި އެޓަރނީ ޖެނެރަލް އޮފީހުގެ ޤާނޫނީ ވަކީލުންނާއި އިސް ވެރިން ބައިވެރިވެ ވަޑައިގަތެވެ.
ޤާނޫނީ ވަކީލެއްގެ ހައިޘިންޔަތުން ވަކާލާތު ކުރުމުގެ ހުއްދަ ލިބުނު ފަރާތްތަކަކީ މުޙައްމަދު ޢާލިމް ޢަބްދުﷲ، ރޭނިސް/ ހޯދަނޑު/ ޏ. ފުވައްމުލަކު، ޢަފްރާ ޢުޘްމާނު އާދަމް، ޖަވާހިރުގެ/ މާލެ، ޝިހާދު އިބްރާހީމް، ހުޅުމާލެ 11088/ މާލެ، ސިނާން ޢަލީ، ސަންޑަލްވޫޑް/ ގދ. ފިޔޯރީ، ޙާމިދު އަޙްމަދު، ކަރަންކާގެ/ ފ. ނިލަންދޫ، މުޙައްމަދު ޢާދިލް، ދަފްތަރު ނަންބަރު 8520/ މާލެ، ޢަލީ ނަޞީރު ޤާސިމް، ދަފްތަރު 535/ މާލެ، ޢަލީ ވަޙީދު، ވެނީލާގެ/ ފ. ނިލަންދޫ، އަޙްމަދު ޝާން، އިރާކުގެ/ ގއ. ވިލިނގިލި، ޙަސަން ޛަހީން، ސަބްނަމީގެ/ މ. މުލައް، އިބްރާހީމް ވަޙީދު، ދަފްތަރު ނަންބަރު ރސ 10025/ މާލެ، ޝުޢައިބާ ސަޢީދު، އިރާކުގެ/ ގއ. ވިލިނގިލި، ޑރ. ޢަބްދުﷲ ވަޙީދު، ހ. ފަޅަގަޑިގެ/ މާލެ، ޢަލީ ޝުހައިލް މުޙައްމަދު، މ. ފެންގަސް/ މާލެ، ޒުލައިޚާ އިބްރާހީމް، ތުނޑި. އޯކިޑު/ ލ. ގަން، ޙައްވާ މުޙައްމަދު ވަޙީދު، ދިލްބަހާރުގެ/ ށ. ބިލެއްފަހި އަދި އާޠިރާ މުޙައްމަދު، ރޯޝަނީގެ/ ގދ. ރަތަފަންދޫއެވެ.

2014 ވަނަ އަހަރުގެ ދެވަނަ ކުއާޓުގައި ޝަރުޢީ ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދު 12 އިންސައްތަ އިތުރު. ނިންމި މައްސަލަތަކުގެ ޢަދަދު 19 އިންސައްތަ އިތުރު

2014 ވަނަ އަހަރުގެ އޭޕްރިލް، މެއި އަދި ޖޫން މަހުގައި (ދެވަނަ ކުއާޓަރު) ހުށަހެޅުނު މައްސަލަތަކުގެ އަދަދު މި އަހަރުގެ ޖެނުއަރީ، ފެބްރުއަރީ އަދި މާރިޗްއާއި (ފުރަތަމަ ކުއާޓަރު) އަޅާ ބަލާއިރު 12 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް ޝަރްޢީދާއިރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
2014 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މާލެއާއި އަތޮޅުތަކުގެ ކޯޓުތަކަށް 4493 މައްސަލަ ހުށަހެޅިފައިވާއިރު ދެވަނަ ކުއާޓަރުގައި ހުށަހެޅިފައިވަނީ 5046 މައްސަލައެވެ. އެގޮތުން 2014 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއާ އަޅާ ބަލާއިރު މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 2771 އިން 3013 އަށް އިތުރުވެފައިވާއިރު ހަމަ އެމުއްދަތުގައި މާލޭގެ ސުޕީރިއަރ ކޯޓުތަކަށް ހުށަހެޅުނު މައްސަލާގެ އަދަދު 1722 އިން 2033 އަށް އިތުރުވެގެން ގޮސްފައިވެއެވެ.
ފުރަތަމަ ކުއާޓަރުގައި ހުށަހެޅުނު މައްސަލަތަކާއެކު ކޯޓުތަކުގައި ނުނިމިހުރި މައްސަލަތައް ނިސްބަތުން 29 އިންސައްތަ މައްސަލަ ނިންމާފައިވާއިރު ދެވަނަ ކުއާޓަރުގައި ހުށަހެޅުނު މައްސަލަތަކާއެކު ކޯޓުތަކުގައި ނުނިމިހުރި މައްސަލަތައް ނިސްބަތުން 32 އިންސައްތަ މައްސަލަ ނިންމާފައިވެއެވެ. ނިންމި މައްސަލަތަކުގެ އަދަދަށް ބަލާއިރު މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 19 އިންސައްތަ އިތުރު އަދަދެކެވެ.
2014 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ކޯޓުތަކުން 4165 މައްސަލަ ނިންމާފައިވާއިރު ދެވަނަ ކުއާޓަރުގައި ނިންމިފައިވަނީ 4945 މައްސަލައެވެ. މީގެ ތެރޭގައި ހިމެނެނީ މެޖިސްޓްރޭޓް ކޯޓުތަކުން ދެވަނަ ކުއާޓަރުގައި ނިންމި 2799 މައްސަލައާއި ސްޕީރިއާކޯޓުތަކުން ނިންމި 2146 މައްސަލައެވެ. ފުރަތަމަ ކުއާޓަރުގައި މެޖިސްޓްރޭޓް ކޯޓުތަކުން 2259 މައްސަލަ ނިންމާފައިވާއިރު ސްޕީރިއާކޯޓުތަކުން 1906 މައްސަލަ ވަނީ ނިންމާފައެވެ.

 

ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން 15 ޖުލައި 2014 ވާ އަންގާރަ ދުވަހު އޮންނާނެ

ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން 15 ޖުލައި 2014 ވާ އަންގާރަ ދުވަހުގެ 14:00 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި އޮންނާނެއެވެ.

ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް ދަށުކޯޓުތަކުން އިންތިޚާބުކުރާ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު 14 ޖުލައި 2014 ވީ ހޯމަ ދުވަހުގެ 14:00 އަށް ހަމަވިއިރު ކުރިމަތިލައްވާފައިވަނީ 4 ފަރާތަކުންނެވެ. އެއީ ފ. މަގޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުއްސައްތާރު ސުލައިމާނު، ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު، ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ޢީސާ ފުޅު އަދި ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ ނަޞީރުއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ރ) އާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގެ ދަށުން ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މެމްބަރަކު ހޮވުމަށްޓަކައި ބާއްވާ އިންތިޚާބުގެ ވޯޓުލުން 20 ޖުލައި 2014 ވާ އާދީއްތަ ދުވަހުގެ 10:30 އިން 13:30 ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކު އަދި އައްޑު އަތޮޅު ހިތަދޫގެ ސަރުކާރިގެ އޮފީސްތަކަށް ޝަރުޢީދާއިރާގެބެހޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި

ފުވައްމުލަކާއި އައްޑޫ ސިޓީ ހިތަދޫގައި ހުރި ސަރުކާރު އޮފީސްތަކުގެ އިސް ބޭފުޅުންނަށް އަމާޒު ކޮށްގެން، ދިވެހިރާއްޖޭގެ ޝަރްޢީ ދާއިރާއާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ މަސައްކަތުބައްދަލުވުންތަކެއް ބާއްވައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން "އިންޓްރޮޑަކްޝަން ޓު ދަ މޯލްޑިވިއަން ޖުޑީޝަރީ" މި ނަމުގައި ބޭއްވި މަސައްކަތުބައްދަލުވުން ފުވައްމުލަކުގައި ބޭއްވުނީ ޖެނުއަރީ މަހުގެ 25 އިން 29 ވަނަ ދުވަހުގެ ނިޔަލަށެވެ. އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތުބައްދަލުވުން ކުރިޔަށް ގެންދެވުނީ ފެބްރުއަރީ މަހުގެ 01 އިން 05 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފުވައްމުލަކުން 19 ބޭފުޅަކު، މަސައްކަތުބައްދަލުވުން ފުރިހަމަ ކުރައްވައި ސެޓްފިކެޓް ހާސިލު ކުރެއްވި އިރު، އައްޑޫ ސިޓީ ހިތަދޫން ޕްރޮގްރާމް ފުރިހަމަ ކުރެއްވީ 17 ބޭފުޅުންނެވެ. ފުވައްމުލަކާއި އައްޑޫ ސިޓީ ހިތަދޫން ޕްރޮގްރާމް ފުރިހަމަ ކުރެއްވި ބޭފުޅުންގެ ތެރޭގައި އެ ދެ ރަށުގެ ސްކޫލްތަކާއި ހަސްފަތާލުތަކާއި ފުލުހުންނާއި އެމްއެންޑީއެފް ފަދަ އިދާރާތަކުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ފުވައްމުލަކާއި އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތުބައްދަލުވުމުގެ ސެޝަންތައް ނަންގަވައިދެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޑެޕިއުޓީ ލީގަލް އޮފިސަރ އަލްއުސްތާޛު އަޙްމަދު މާޖިދާއި، ސިވިލް ކޯޓުގެ ރެޖިސްޓްރަރ އަލްއުސްތާޛު އަޙްމަދު ޢަބްދުލްމަތީނެވެ. މަސައްކަތުބައްދަލުވުމުގައި ބައިވެރީންނަށް މަޢުލޫމާތު ދެވުނު ދާއިރާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމާއި ޝަރްޢީ ދާއިރާ ބިނާ ކުރެވިފައި އޮތް ގޮތާއި، ކޯޓުތަކުގެ ނިޒާމު ރޭވިފައި ހުރި ގޮތާއި، އެކިއެކި ކޯޓުތަކުގެ އިޚްތިޞާޞަކީ ކޮބައިކަމާއި، ކޯޓަކަށް މައްސަލައެއް ހުށަހެޅުމަށް ޓަކައި ޢަމަލު ކުރާން ޖެހޭ ގޮތް ފަދަ ދާއިރާތައް ހިމެނެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަސައްކަތުބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ޤާނޫނީ ނިޒާމާއި ކޯޓުތަކުގެ މަސައްކަތްތަކާ ބެހޭގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިބި ކޮމިއުނިޓީ ލީޑަރުންނަށް މަޢުލޫމާތު ދީގެން، ރައްޔިތުން ހޭލުންތެރި ކުރުވުމެވެ.